Saturday, May 12, 2012

Dhivehi Vaahaka "Nubai Numbareh" (Ehkoh)

Dhivehi Vaahaka "Nubai Numbareh" (Ehkoh)
Dhivehi Story "Nubai Numbareh (Wrong Number) "  (Full)


ނުބައި ނަންބަރެއް

ލިޔުނީ: މުޙައްމަދު ޝާހީން (ޝާންޓޭ) / ބޮކަރުމާގެ، އދ. ކުނބުރުދޫ

       
         ސައިކަލަށް އަރާ ސްޓާޓްކޮށްލުމާއެކު ކުއްލި ލަތްކަކާއެކު ސައިކަލު ބާރު ސްޕީޑްގައި ދުއްވާލީމެވެ. ފަހަތުގައިއިން އެކުވެރިޔާއަށް ލިބުނު ސިހުން ވެގެންދިޔައީ އަހަރެންނަށް ލިބުނު އުފަލަކަށެވެ. ހިންހަމަޖެހުމަށެވެ. ހިނިގަނޑެއް ޖަހާލީމެވެ. ފުލުފުލުން އީނާޒު އާއި ކަމާލް ފަހަތުގައި ދެއެކުވެރިން ލައިގެން ސައިކަލުގައި ނައްޓާލިއެވެ. އަހަރެމެންގެ މިސްރާބުހުރީ ޑައިނަމޯއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާބައެއްފަދައިން އަހަރެމެން ސައިކަލް ދުއްވަމުން ދިޔައީ އިންތިހާދަރަޖައަށް ބާރު ސްޕީޑެއްގައެވެ.

         މިއީ އަހަރެން ކޮންބޭނުމަކު ކީއްކުރަން ކުރާހާ ކަމެއް ހެއްޔެވެ؟ ބޭނުމެއްނެތް ގޮތުގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވުމެވެ. އެކުވެރިންނާއެކު ނަންމަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ. މިއީ އޭރު އަހަރެންގެ ހިތަށް އެރި ސުވާލުތަކެއް ނޫނެކެވެ. ވިސްނި ކަންތައްތަކެއްވެސް ނޫނެވެ. އެރޭގެ އެވަގުތުގައިވެސް އަހަރެން ވިސްނުމަށް އައިކަންތައްތަކެއް ނޫނެކެވެ.
         އެކުވެރިންތަކާއެކު ޑައިނަމޯގެ ހިތްގައިމު މާހައުލުގެ ހަމަހިމޭންކަން ފޫދުއްވާލާ ސަކަރާތާ މަޖަލުގައި ވަގުތު ހޭދަކުރަން ފަށައިފީމެވެ. އެހެން މީހުންނަށް ވާނޭ އުނދަގުލަކަށް ބެލުމެއްނެތިއެވެ. ހަމަހިމޭން ކަމަކީ އަހަރެން ފޫހިވާ ކަމެވެ. މަޑުމައިތިރިކަމަކީ އަހަރެން ނުރުހޭ ސިފައެކެވެ. ސަކަރާތްޖެހުމާ މަޖާކުރުން ނޫންކަމެއް އަހަރެންގެ ދިރިއުޅުމުގައެއް ނުވެއެވެ. މިހުރިހާ ކަމެއްވެސް އަހަރެން ކުރަމުންއައީ ރައްޓެހިންނަށްޓަކައެވެ. ރައްޓެހިންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ. އެމީހުންގެ ތެރޭގައި މަޤުބޫލު މަޝްހޫރު ކެރޭ މީހަކަށް ވުމަށްޓަކައެވެ.
         ކެއުމަށް އިންސާފުކުރަމުން އަހަރެމެން ދައްކަމުންދިޔަ ވާހަކައަށް ހަމަހިމޭންކަން ވެރިކުރުވީ އަހަރެންގެ ފޯނެވެ. " ތިދެން ކިހާބޮޑު އުނދަގުލެއް... ތިފޯނު ސައިލެންޓަށް ލާފަ ބާއްވަބަލަ... " އަހަރެންނަށް ފޯނު ޖީބުން ނުނެގިގެން އުޅެނިކޮށް އެކުވެރިންގެ ޝަކުވާތައް އޮހެން ފެށިއެވެ. " ބިޓުންގެ ކޯލް މާގިނައިން އަންނަ މީހެއްކަމަށް ދެއްކެން ވެގެން އުޅޭގޮތޭ ". އާކަމެއް ނޫންކަމުން އެމީހުންގެ ވާހަކަތަކަށް ސަމާލުކަމެއްނުދީ އަހަރެން ފޯނުނަގައި ސްކްރީނަށް ބަލައިލީމެވެ. " ނުދަންނަ ނަންބަރެއް " އަހަރެންނަށް ބުނެލެވުނެވެ.
         " އޭ. ކޮއްކޯ ކޮންތާކުތަ؟... އަވަހަށް .. އަވަހަށް އާދޭ.. ވަރަށް ސީރިއަސް " ފޯނުނަގައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އިވުނީ ހާސްކަމުން ފުރިގެންވާ އަޑެކެވެ. ރައްޓެހިންގެ ތެރޭގައި ހޭދަކުރަމުންއައި މަޖާވަގުތުގެ ގޮތުން އަހަރެންނަށް އެމީހާގެ އަޑުގައިހުރި ނާއަވަސްކަމާއި، ހާސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކާމެދު ވިސްނާލާނެހާ ބާރެއް ނުލިބުނެވެ. " އާނ... މިދަނީ " ސްޕީކަރ އޮންކޮށްފައިވާ އަހަރެންގެ މޯބައިލްފޯނުން އިވުނުއަޑަށް ޖަވާބުދާރީވާނޭ ގޮތެއްގެ އިންތިޒާރުގައިތިބި އަހަރެންގެ ރައްޓެހިންގެ ކުރިމަތީގައި، ނުފޫޒުހުރި މީހަކަށްވުމަށް އަހަރެން އެމީހާއަށް އިތުރު އޮޅުމެއް ނާރާނޭ، ފަދައިން ރަނގަޅަށް އޮޅުވާލީމެވެ. ފޯނުކުރި މީހާ ފޯނު ކަނޑާލުމާއެކު އިވިގެންދިޔައީ ނުލަފާ ވައްތަރަށް ރައްޓެހިންތައް އެއްފަހަރާ ހީގެންއަޑެވެ. އަހަރެން އެމީހުންނާ ބައިވެރިވީމެވެ.
          ކެއުމަށް އިންސާފުކުރަމުން މަޖަލުގައި ވަގުތުތައް ހޭދަކުރުމަށްފަހު އަހަރެމެން އެތަނުން ނުކުތީ، ދާނޭވަކި މަންޒިލެއް އޮވެގެނެއް ނޫނެކެވެ. ވަކި މަންޒިލެއް ކަނޑައަޅައިގެނެއްވެސް ނޫނެކެވެ. އަހަރެން އަތުގައިވާ ގަޑިއަށް ބަލައިލީމެވެ. އެއަށްފަހު ސައިކަލަށް އަރާ ސްޓާޓްކޮށްލުމާއެކު، އަހަރެންގެ ސައިކަލް ފަހަތުގައިއައި ވިލްދާން ސައިކަލަށް އެރިއެވެ. " ކޮންތާކަށްދާނަމޭ ހިތާތަ ތި އެރީ ؟ " ލާނެތް ފާޑަކަށް އަހަރެންގެ ސުވާލު އޭނަޔާ އަމާޒުކުރީމެވެ.  " ކިހިނެއްވީ؟ ". ހައިރާންކަމާއެކު ވިލްދާންވެސް ކުރީ ސުވާލެކެވެ. " މަ ދެންދާނީ ގެއަށް. މިރޭ މިހާރުއެބަ ބޮލުގައި ވަރަށްބޮޑަށް ރިއްސާ.. ނެތް އިތުރުތާކަށް ދާން މޫޑެއް.. އެހެންވެ. ކަލޭ ރައްޓެހި ގޮލަޔަކަށް ގުޅައިގެން ނައްޓާލާ. ". އޭނާކުރި ސުވާލަށް އަހަރެންނަށް ދެވުނު ޖަވާބު ކިތަންމެ ރަނގަޅަކަށްވެސް ފުދިއްޖެކަން އެނގުނެވެ. އިތުރު އެއްޗެކޭނުބުނެ ސައިކަލުން ފޭބިއެވެ. ހިންހަމަ ނުޖެހިފައިކަން އެނގޭތީވެ އިތުރަށް އެހެން މީހެއްގެ މޫނަށް ބެލުމަކާނުލާ، އެއްޗެކޭވެސް ނުބުނެ އަހަރެން ސައިކަލް ދުއްވާލީމެވެ.
         ގެއާ ހިސާބަށް ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް މަގުގެ އެއްފަރާތަށް ސައިކަލް މަޑުކޮށްލަން ޖެހިއްޖެއެވެ. ފޫހިކަމާ ހިންހަމަ ނުޖެހުމާއެކު ވައިބްރޭޓް ވޭވޭއޮތް ފޯން ޖީބުން ނެގީމެވެ. އަޖައިބެކެވެ. އަހަރެން ހަނދާނުގައިވެސް މިފޯން ރިންގް އޮފް ވެފައި އޮތް މިއީ ފުރަތަމަ ފަހަރެވެ. ފޯނު ސްކްރީނުން ފެންނަނީ ނުދަންނަ ނަންބަރެކެވެ. ނޫނެކެވެ. ގުޅަނީ ކާކުކަން ނޭނގުނަސް ނަންބަރު އެނގިއްޖެއެވެ. އަދި މައްސަލައަކީ " ތިޔަ ގުޅިގެން އުޅެނީ ނުބައި ނަންބަރަކަށޭ " އެމީހާއަށް ކުރިން ބުނެ ނުދެވުން ކަންވެސް ވިސްނިއްޖެއެވެ. އެމީހަކު ގުޅަން އުޅުނު ނަންބަރުނޫން ނަންބަރަކަށް ތަކުރާރުކޮށް ގުޅިފައިހުރިކަން ވިސްނުމަށް އައުމާއެކު ލާނެތް ހިނިތުންވުމެއް އަހަރެންގެ ތުންފަތަށް ވެރިކުރުވިއެވެ. ވިސްނުމަށް އިބިލީސް ސަވާރުވެއްޖެއެވެ. " މިދަނީއޭ ". ފޯނުނެގިގޮތަށް އަހަރެން ޖަވާބު ދިނީމެވެ. ޖަވާބުގައި ވަރަށް އާދޭހާއެކު އަވަހަށް އަންނާށޭ ބުނެފުއްދާލިއެވެ. އެއަޑުގައި އެކުލެވިގެންވީ ރިހުމާ ކެކުޅުމުގެ އަސަރު އަހަރެންގެ ކަންފަތަށް އެވަގުތު ނަގައިނުގަނެވުނީ ކީއްވެ ހެއްޔެވެ؟
         ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައިތިބި އަހަރެންގެ މަންމައާ ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ.. ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިއަންނަނީ. އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ. " މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން " ސުވާލާ ގުޅުމެއްނެތް އަހަރެންގެ އަދަބުކުޑަ ޖަވާބެވެ. " އެބުނާހެން. އޭނާ އެހުރީ ވަރަށް ވަރުބަލިވެފައި. މިވަގުތު ނިދަން ވަގުތު ދީބަލަ " އަހަރެންގެ ޖަވާބާއެކު މަންމަގެ ދިފާއުކުރުމުގެ ބަސްތަކެވެ. ކަން އަބަދުމެ ހިނގާ އާދައެވެ. އެހެންކަމުން އިތުރަށް ވިސްނުމަކާނުލާ ކޮޓަރިއަށްގޮސް އެދުގައި ޖައްސާލީމެވެ. އަނެއްކާވެސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. މިފަހަރު އަހަރެން ގާތަށް ރުޅިއަހިސްފިއެވެ. " ކިހިނެއްތަ ވެގެން ތިއުޅެނީ؟ " ފޯނު ނެގިގޮތަށް ހަރުކަށި އިބާރާތުން ޖަވާބުދިނީމެވެ. ޖަވާބުގައި އިވުނީ ރުއިމުގެ އަޑެވެ. ގިސްލެވެމުން އެމީހާ ވާހަކަ ދައްކަން ފެށިއެވެ. " ކަލޭތީ . . ހާދަ ވިޔާނުދާ ނުލަފާ މީހެކޭ.. ބަލަ އެންމެ ފަހަރަކުވެސް ނުވާނެޔޭ ބުނިނަމަ. . ކަލޭގެ ސަބަބުން މިއަދު އަހަރެން ދަރިފުޅު އެއޮތީ މަރުވެފައޭ.. ތީ ޤާތިލެއް " ރުއިމާ ގިސްލުމުގެ ތެރެއިން ކެނޑިކެނޑިގެން އިވެމުންއައި ވޭނީ އާޙުގެ އަޑު އެހިސާބަށް ދިއުމާއެކު ބޭއިޙްތިޔާރުގައި އަހަރެންނަށް ފޯނު ކަނޑާލެވުނެވެ. އަހަރެން މުޅިން ހާސްވެއްޖެއެވެ. ނުތަނަވަސް ވެއްޖެއެވެ. އަހަރެން މީހަކު ނުމަރަމެވެ. އަހަރެން ޤާތިލަކަށް ވާންވީ ކީއްވެގެން ހެއްޔެވެ.
          އެތަކެއް އިރެއްވާންދެން ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. މީއަހަރެންނަށް ކުރިން ވީގޮތެއް ނޫނެކެވެ. މީހަކު ބުނާއެއްޗަކުން ދައްކާ ވާހަކައަކުން ސިހުންވެ ޖެހިލުންވެ، ހާސްކަމާ ނުތަނަވަސްކަމުގައި ވިސްނަން ވަގުތު ނަގާލުމަކީ އަހަރެން ނުކުރާކަމެވެ. އެކަމަކު މިވަގުތު އަހަރެންގެ ކަންފަތުގައި އެއަޑު ގުގުމަމުން ދަނީއެވެ. " ކަލޭގެ ސަބަބުން އަހަރެންގެ ދަރިފުޅު އެއޮތީ މަރުވެފައޭ.. މަރުވެފައޭ.. ތީޤާތިލެއް.. ޤާތިލެއް " އެއަޑުން އަހަރެންގެ ހިތް ނުތަނަސް ކުރުވަމުންދަނީއެވެ. ކިތަންމެ ފަހަރަކުވެސް އެނަންބަރަށް އަލުން ގުޅަން ހިތްބުނެއްޖެއެވެ. އަހަރެން އެމީހަކު ނުދަންނަކަމާއި، އޭނާ އެދައްކާ ވާހަކަތަކާ އަހަރެންނާ ގުޅުމެއް ނެތްކަން ބުނަން ބޭނުން ވެއެވެ. އެކަމަކު ކުރިން ދުވަހަކުވެސް އެއްވެސް ކަމެއްގާ ނުވި ފިނޑިއެއް މިއަދަކު އަހަރެން މިވަނީ ކީއްވެގެން ހެއްޔެވެ؟
            ގިނަ ވަގުތުތަކަކު ވިސްނުމަށްފަހު އެނަންބަރަށް ގުޅީމެވެ. " މިހާރު ކޮންބޭނުމަކު ތިގުޅީ؟ " އަނެއްކާވެސް އެވޭނީ އަޑެވެ. " ބޭބޭ.. އަހަރެންނަށް މާފުކުރޭ. އަހަރެންނަކަށް ނޭނގޭ ބޭބެތީކާކު ކަމެއްވެސް.. އަހަރެން ނުވެސް ދަންނަން ތި ނަންބަރެއްވެސް.. އެވަގުތު އަހަރެން އެގޮތަށް ޖަވާބުދިނީ މަޖަލަކަށް " ވަރަށް ހިތްވަރުން އަހަރެން ބުނަން ބޭނުންވި ވާހަކަ ބުނެ ނިންމާލީމެވެ. ހަމަހިމޭންކަމާއެކު ވަގުތު ކޮޅެއް ހޭދަވުމަށްފަހު ދެންއިވުނީ ހައިރާންކަން ދޭހަވާފަދަ އަޑެކެވެ. " ތީ ނާފިޒުއެއް ނޫންތަ؟ ތީ މިރޭ އަހަރެންގެ ދަރިފުޅުގެ އޮޕަރޭޝަން ކުރަންޖެހުމުން ލޭދޭންއައި މީހާއެއް ނޫންތަ؟ ކަލެއެއް ނޫންތަ ލޭޓެސްޓް ކޮށްފައި، ލޭ ނަގަން ބޭނުންވެގެން ޑޮކްޓަރުން ބުނެފިނަމަ އަހަރެންނަށް ގުޅާށޭ، މިދަނީ މިތާކައިރި ހޮޓަލަކަށޭ ކިޔާފާ މިނަންބަރު އަހަރެންނަށް ދިނީ؟ " ހުސް ސުވާލެވެ. އަހަރެންނަށް ތެދުވެރިކަމާއެކު ޖަވާބުދާރީވީމެވެ. " އާނ!. އަހަރެންނެއް ނޫން. ތިވާނީ ބޭބެއަށް ނުބައިކޮށް ނަންބަރު ސޭވް ކުރެވުނީކަމަށް ".. އަހަރެންގެ ޖަވާބުން އެމީހާއަށް އޮޅުންފިލައިފި. އެކަމަކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. " ރަނގަޅު.. ވަރަށް ރަނގަޅު. އަޅެ އެންމެ ފަހަރަކުވެސް އަހަރެން ގުޅީމާ ތިޔަ ގުޅުނީ ނުބައި ނަންބަރަކަށޭ ބުނެ އެވަގުތު ތިކަން އަހަރެންނަށް އޮޅުން ފިލުވައިދިންނަމަ. އަހަރެން އެމީހާގެ އިންތިޒާރުގައިހުރެ ލޭނުލިބި ސީރިއަސް ހާލަތުގައި އަހަރެންގެ ދަރި މަރުވެގެންނޭ އެދިޔައީ.. ކޮންކަހަލަ އިންސާނުންނެތްތަ ތިޔައީ" އަހަރެން އެރޭ އަޑުއެހީމެވެ. އެމީހާގެ އެޝަކުވާތައް ހިތުން ރުހުމުން ޤަބޫލުކުރީމެވެ. އަހަރެންނަކީ ކުއްވެރިއެކެވެ.
           އެމަރުޙޫމްގެ މޫނު ދެކިލަން ދިއުމުން އަހަރެންނަށް ލިބުނީ އިތުރު ޝޮކެކެވެ. އެ މައުސޫމް އަންހެން ކުއްޖާއަކީ ތެލެސީމީއާ ކެރިއަރަކަށްވުން އެއީ ކުށެއްކަމަށް ހަދައި އަހަރެން އެކުއްޖަކު ބާކީކޮށްލި، މީގެ ދުވަސްކޮޅެއް ކުރީގެ އަހަރެންގެ ލޯބީގެ ބައިވެރިޔާއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އާއެކެވެ. ދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ކުށެއް ނެތެވެ. ކުރާނޭ ޝަރީއަތެއްވެސް ނެތެވެ. އެކަމަކު އަހަރެންގެ ސަބަބުން މިކެހިވެރި ދުނިޔެއާ އޭނާ އެވަކިވެ ދިޔައީއެވެ. އަހަރެންނަކީ ކުއްވެރިއެކެވެ. ކުށަކީ މަކަރުހެދުމާ އޮޅުވާލުމާ އެހެންމީހުންނަށް ޖެއްސުންކޮށް އުޅުން އުފަލެއްކަމުގައި ދެކެވުމެވެ. އެއުފާ އަހަރެން ޤާތިލަކަށް ހަދައިފިއެވެ. އާނއެކެވެ. އަހަރެންގެ ނަންބަރަކީ މީހަކު އޮޅިގެންވެސް ގުޅަން ހެޔޮނުވާވަރުގެ ނުބައި ނަންބަރެކެވެ. ނުބައި ނުލަފާ މީހެއްގެ ނުބައި ނަންބަރެކެވެ.
                                               
-     ނިމުނީ

No comments:

Post a Comment

Comment